ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ މާރުކުރަންޖެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިއީ އޯގަސްޓް 26 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެއް ކަމަށްވީ އިރު، ރައީސް މި ބިލު ތަސްދީގުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އިސްލާހުގެ ދަށުން ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭ އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެ ބިލުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވާ އިރު، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންގަނޑު 15,000,000.00 (ފަނަރަ މިލިއަން) އިން 25,000,000.00 (ފަންސަވީސް މިލިއަން) އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.
ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައިވާ އިރު، ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
ޓޫރިޒަމް ދާއިރާ ފިޔަވައި، ބޭރުފައިސާ އިން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަކަށް މާރުކުރަންޖެހޭއިރު، އޭގެ ތެރެއިން 100 އިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ 7 އިންސައްތައެވެ.
މިގޮތަށް މާރުކުރަންޖެހޭ ފައިސާ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން، އެމް.އެމް.އޭއިން ލައިސަންސް ދީފައިވާ ބޭންކެއްގައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކޮށް މާރުކޮށް ނިންމަންވާނެކަމުގައިވެސް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން މި ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުން އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، ގާނޫނީ ޝަހްސުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މި އިސްލާހަށް އަމަލުކުރަން ފަށާނީ 1 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.