މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 އިންސައްތަ އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12,040,524.09 ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާއިރު، 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ދޫކޮށްފަވާ ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުން ދައްކަ އެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް، 1.75 މިލިއަން ރުފިޔާ، ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. މި ބައިގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ދޫކޮށްފައިވާ ކަމަށް ތަފާސްހިސބުތަކުން ދައްކަ އެވެ.

ޒަކާތު ހައުސް އިން ބުނީ، މި ހިސާބުތަކަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ގެ އެސްއޭޕީ (SAP) ނިޒާމުގައިވާ ޒަކާތު ފަންޑުގެ ހަރަދުގެ ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެއް ކަމަށާއި، ފަހުން ގެނެވޭ އަދާހަމަތަކާއި އިތުރު ޕޯސްޓިންތަކާ ގުޅިގެން މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.