އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވީ ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވީ، ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އޯގަސްޓް 28 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަމަ އެ ދުވަހު ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ، އެ ތުއްތު ކުއްޖާގެ ބައްޕައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.