މިއީ އެމްޑީޕީގެ ވެރިކަމެއް ނަމަ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިންދާނީ ޖަލުގައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެކްސްގައި އަންމުކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ އިން ރާއްޖޭގެ އިގްތިސޯދު ފުނޑާލުމަށް ރާވައިގެން ހިންގާފައިވާ ޖަރީމާތައް ހުއްޓުވައި، ރާއްޖޭގެ އިގްތިސޯދު ސަލާމަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅު ތަކަކީ ހަމަ ހަގީގަތުގައިވެސް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް ކަމަށް ރައީސް ޔާމިނަށް ގަބޫލުފުޅު ކުރެވި، އެކަމަށް ތާއީދުކޮށް ކައިރީގައި ތިޔަ ތިއްބަވާ ބޭފުޅުންނާއެކު އެވާހަކަ ދެކެވޭ ކަން އެނގިލައްވާ ކަމަށެވެ.
ޝުޖާއު ވަނީ، ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އެކަމާ ދެކޮޅަށް ރައިސް ޔާމީން ވާހަކަފުޅު ދައްކަވަނީ ކޮންކަމެއް ހާސިލް ނުވެގެންތޯ ސުވާލުއުފައްދަވާފަ އެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވެރިކަމުގައި ހުރުމީ ރައިސް ޔާމީނަށް ލިބޭ ހިތްހަމަޖެހުމަކަށް ނުވޭތޯ ސުވާލު އުފައްދަވާ ޝޫޖާއު ވިދާޅުވީ، މިއީ އެމްޑީޕީގެ ވެރިކަމެއް ނަމަ އަދިވެސް ރައީސް ޔާމީން އެމީހުން ބައިންދާނީ ޖަލުގައި ކަމަށެވެ. އަދި މިގައުމު އޮންނާނީ ވިއްކާ ހުސްކޮށްފައި ކަމަށްވެސް ޝުޖައު ވިދާޅުވި އެވެ.
ޝުޖާއު ވަނީ ރާއްޖޭގެ އެއްވެސް ހަރު މުދަލެއް ބޭރުގެ ބަޔަކަށް ރައީސް މުއިއްޒު ވިއްކާފިތޯ، އަކަ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ދީފިތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެންމެ ފަހަރަކުވެސް ލޯގަނޑެއް ކުރިމައްޗަށް އަރައި ތިމާގެ އަމިއްލަ މޫނަށް ބައްލަވާލައްވައި ފުންކޮށް ވިސްނާލަން ޖެހޭ ކަމަށާއި، ޖަމީލުމެންގެ މޫނަށް ބައްލަވައިގެން ކުރައްވާ ކަންކަމުން ރައީސް ޔާމީން ހަލާކުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޝުޖާއު މިމޭރުމުން ރައީސް ޔާމީނަށް ފާޑުވިދާޅުވެފައިމިވަނީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޔާމީން ފާޑުވިދާޅުވަމުން ގެންދަވާ ތީއެވެ.