ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ.ވައިޓްޑައިމަންޑް، ޖަމީލާ އަލީ ހާލިދު މިއަދު އައްޔަންކުރައްވައިފިއެވެ.

ޖަމީލާ ޢަލީ ޚާލިދު ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޖަމީލާ އަކީ ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަސް ވަންދެއް، އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 29 އަހަރު ވަންދެން ތައުލީމީ ދާއިރާގައި ޖަމީލާ މަސައްކަތް ކުރެއްވާފައިވާއިރު، 4 އަހަރުގެ މުއްދަތަކަށް، ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.

މީގެ އިތުރުން، ދެ އަހަރުވަންދެން، ދިވެހި ދައުލަތުގެ ފަރާތުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަގާމުގައި ޖަމީލާ ވަނީ މަސައްކަތް ކުރައްވާފަވެއެވެ.

އެ މަގާމަށް ޖަމީލާ އައްޔަން ކުރައްވަން، ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މި މަހުގެ 26 ވަނަ ދުވަހެވެ.

މީގެ ކުރިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ހުންނެވީ މިހާރުގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.