ނޭޝަނަލް ސޯސަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕަ އިން ލިބޭ އެހީ ކުރިއަށް ގެންދަން ބޭނުންވާނަމަ އަލުން ދަފްތަރުވާން އެ އޭޖެންސީން އެދިއްޖެ އެވެ.

އެންސްޕާ އިން އާންމުކޮށްފައިވާ އިުލާނެއްގައި ބުނީ، އެ އޭޖެންސީން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެއެހީތައް އިތުރަށް ހަރުދަނާ ކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އިޖުތިމާއީ، ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެޖެންސީން ފޯރުކޮށްދެމުންދާ އެހީތަކަށް 2016 ވަނަ އަހަރުވަނީ ގަވައިދު އެކުލަވާލެވި، އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އިޖުތިމާއީ، ރައްކާތެރިކަމުގެ އާންމު ގަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އިޖުތިމާއީ، ރައްކާތެރިކަމުގެ އެހީ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ދެވޭނީ މީލާދީ 2 އަހަރުގެ މުއްދަތަށް މަހުން މަހަށް ކަން އެންސްޕާ އިން ފާހަގަކޮށްފައިވެ އެވެ.

އެ އޭޖެންސީން ވަނީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ބަފައިންނަށް ދެވޭ މާލީ އެހީ، ފަގީރު ހާލަތުގައި ދިރިއުޅޭ މައިން ބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މަލީ އެހީ، އަދި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެމްބަރުގެ ކުރިން hhttps://one.gov.mv މެދުވެރިކޮށް އަލުން ފޯމު ހުށަހެޅުމަށް އެދިފަ އެވެ.

އެންސްޕާ އިން ބުނީ، އެ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަލަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުއްވުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތް ކޮށް ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ރޭގަނޑު 10:00 އަށް، އެ އޭޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުމުން ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.