މެލޭޝިއާ އާ ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ ދެގައުމުން ގަބޫލުކުރާ އެއްގޮތް ކަންތައްތަކާއި އިޙްތިރާމުގެ މައްޗަށް ކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެލޭޝިއާގެ މިނިވަން ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއާއި މެލޭޝިޔާއާ ދެގައުމުގެ ދެމެދުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެގައުމުގެ ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބިނާވެފައިވަނީ ދެޤައުމުން ޤަބޫލުކުރާ އެއްގޮތް ކަންތައްތަކާއި އިޙްތިރާމުގެ މައްޗަށްކަމަށެވެ. ދެގައުމުގެ ޒަމާންވީ ގުޅުމާއެކު ދެގައުމުގައި އެންމެ މަތީ ފަންތީގައި ކުރެވޭ މަސައްކަތްތަކުގައާއި ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮތީ ވަރަށް ގާތްގުޅުމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ކުރިއަށް އޮތްތަނުގައި މިގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ، މެލޭޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރަސްގެފާނު ސުލްޠާން އިބްރާހީމަށާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވައިފައެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ރަސްގެފާނު ސުލްޠާން އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ފާއިތުވި 50 އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް އެކުވެރިކަމާއި އަދަބުއިހްތިރާމާއި އެއްބާރުލުމުގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ އަދި ގާތް ގުޅުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، މި ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެގައުމުގެ ދެމެދުގައިވާ އެއްބާރުލުން އިތުރުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ފޮނުއްވި ސިޓީފުޅުގައި، ދެގައުމުގެ އިސްވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުންތަކާއި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން، ދެޤައުމުގެ ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށާއި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ގޮސްފައިވާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ސިޓީފުޅުގައި، މި އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެގައުމުގެ އިގްތިސާދީ ގުޅުންތައް ފުޅާވެ، ދެގައުމުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ފާޅުކުރެއްވިއެވެ.

ސިޓީފުޅުތައް ނިންމަވާލައްވަމުން، ރައީސް ވަނީ މެލޭޝިއާގެ ވެރިންނަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، މެލޭޝިއާގެ ރައްޔިތުންނަށް ދެމެހެއްޓެނެވި ސުލްހަމަސަލަސްކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.