ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ފާއިތުވެދިޔަ ހަފުތާގައި ކައުންސިލްތަކަށް ދޭ ގްރާންޓަށް 15.8 އިންސައްތައިގެ އިތުރުވުމެއް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ރިކަރަންޓް ހަރަދުތަކުގެ ތެރެއިން ފާއިތުވެދިޔަ ހަފުތާގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓްގެ ގޮތުގައި ޖުމްލަ 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 227.2 މިލިއަން ރުފިޔާ ނުވަތަ 15.8 އިންސައްތައިގެ އިތުރުވުމެކެވެ.

އެހެނިހެން ރިކަރަންޓް ހަރަދުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 11.1 އިންސައްތަ އިތުރު އަދަދެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 27.0 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީގެ ޚަރަދުތައް ވަނީ 43.0 އިންސައްތަ އިތުރުވެ 8.47 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ހަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

ކެޕިޓަލް ހަރަދުގެ ދަށުން، އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ހޭދަކުރި 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ. ކެޕިޓަލް ހަރަދު އިތުރުވުމުގައި އިންފްރާސްޓްރަކްޗަރގެ އެކި ދާއިރާތަކަށް ކުރި ހޭދަ ބޮޑު ދައުރެއް އަދާކޮށްފައިވެއެވެ. ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 47.1 އިންސައްތަ އިތުރުވެ 1.20 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މައިގަނޑު ޓެކްސްތަކުން ލިބޭ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ އާމްދަނީ ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. ހަމައެއާއެކު ކައުންސިލް ގްރާންޓްތަކާއި، އާންމު ހިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ކުރާ ހޭދަވެސް ވަނީ އިތުރުވެފައެވެ.