ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ޖޫރިމަނާކޮށް، ސައިކަލު ޓޯ ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯ ކޮށް، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި އެ އެފަރާތް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާކުރީ ކޮން އަދަދަކުން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި ދައުރުވި ވީޑިއޯއަކުން ފެންނަނީ ސިނަމާލެ ބުރިޖުގައި ކަޅު ކުލައިގެ އެއާ ބްލޭޑެއް ދުއްވަމުން ދިޔަ މީހަކު، ސައިކަލު ދުއްވި ވަގުތު ވަކި ފަޅިއަކަށް ބުރަވެ އިށީންނަ މަންޒަރު ކަމަށްވީ އިރު، 10 ސިކުންތުވަންދެން ވަކި ފަޅިއަކަށް ބުރަވެ އިނުމަށްފަހު، ކުރިން އިން ގޮތަށް އޭނާ ބަދަލުވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވައްކަމުގެ މައްސަލަތަކަށް ފަހު މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ޓްރެފިކް އެކްސިޑެންޓުތަކާ ގުޅޭ 1،984 މައްސަލައެއް ހުށަހަޅައިފައިވެއެވެ.