ތިލަފުށީގައި ގާއިމްކުރާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރަކީ 100 އިންސައްތަ ދިވެހި ރަައްޔިތުންގެ މިލްކެއް ކަމަށް އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ތިލަފުށީގައި ގާއިމްކުރާ ވިޔަފާރި ބަނދަރު ބޭރުގެ ކުންފުންޏަކަށް ވިއްކައިލަން އުޅޭކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ވަޒީރު ސައީދު އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، ރާއްޖޭގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމަށެވެ.

އަދި އެކަމުގެ ފުރިހަމަ ޔަގީންކަންވެސް ވަޒީރު ސައީދު ވަނީ ދެއްވާފަ އެވެ. މީގެ އިތުރުން، މާތްﷲގެ އިރާދަފުޅާއެކު، ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރު ފަށާ، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ވެގެންދާނެ ކަމަށް ވަޒީރު ސައީދު ވިދާޅުވި އެވެ.

ވަޒީރު ސައީދު ވަނީ، މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާމެދު ނުފެތުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ މީގެ ކުރިން ދެއްވާފަ އެވެ.