ކޮންގްރެސް ޕާޓީ ( ޕީއެންސީ) ގެ މަތީ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އެއްގައި ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕީއެންސީން ކުރި އިއުލާނެއްގައި ބުނީ، އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޕީއެންސީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލަން ތައްޔާރުވަމުން އަންނައިރު، 12 މަގާމަކަށް 49 މީހުން އިންތިހާބު ކުރާނެއެވެ.
ޕާޓީގެ ނައިބު ރައީސް - 6
- މެމްބަރުންގެ މަޖިލީހުގެ މެމްބަރު - 18
- މެމްބަރުންގެ މަޖިލީހުގެ މެމްބަރު (އަންހެން) - 10
- މެމްބަރުންގެ މަޖިލީހުގެ މެމްބަރު (ޒުވާނުން) - 7
- އަންހެނުންގެ ހަރަކާތުގެ ރައީސް - 1
- އަންހެނުންގެ ހަރަކާތުގެ ނައިބުރައީސް - 1
- އަންހެނުންގެ ހަރަކާތުގެ ސެކްރެޓަރީ - 1
- އަންހެނުންގެ ހަރަކާތުގެ ހަޒާންދާރު - 1
- ޒުވާނުންގެ ހަރަކާތުގެ ރައީސް - 1
- ޒުވާނުންގެ ހަރަކާތުގެ ނައިބުރައީސް - 1
- ޒުވާނުންގެ ހަރާކތުގެ ސެކްރެޓަރީ - 1
- ޒުވާނުންގެ ހަރަކާތުގެ ހަޒާންދާރު - 1
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ ރަސްމީ ދަފުތަރުގައި ހިމެނޭ، އަދި ޖިނާއީ ބޮޑުކުށެއްގެ ރިކޯޑެއް ނެތް ފަރާތްތަކަކަށް ވާންޖެހޭނެއެވެ. ޒުވާނުންގެ މަގާމުތަކަށް ކުރިމަތިލެވޭނީ ސެޕްޓެންބަރު 16 އަށް 36 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި އަންހެނުންގެ މަޤާމުތައް ޚާއްޞަކުރެވިފައިވަނީ ޝަރުތުހަމަވާ އަންހެން މެންބަރުންނަށެވެ. ގަވާއިދުގައިވާގޮތުން، ކޮންމެ މެންބަރަކަށްވެސް ކުރިމަތިލެވޭނީ މި މަޤާމުތަކުގެ ތެރެއިން އެންމެ މަޤާމަކަށެވެ.
ހަމައެއާއެކު، އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހަޅަންޖެހެނީ ޕާޓީގެ ވެބްސައިޓުގައިވާ އިންތިހާބީ ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަނާއެކު، އައިޑީ ކާޑުގެ ކޮޕީއާއި، މުޅި ޢުމުރުގެ ޕޮލިސް ރިކޯޑު އަދި ކޯޓު ރެކޯޑުގެ އިތުރުން، ރަސްމީ ހެދުމުގައި ނަގާފައިވާ ޕާސްޕޯޓް ސައިޒު ފޮޓޯ ހުށަހަޅަންޖެހެއެވެ. މި ލިޔެކިޔުންތަކަކީ ދޫކުރިތާ 1 މަސް ނުވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ.
ޕީއެންސީން ބުނީ، ޝަރުތުހަމަވާ މެންބަރުންނަށް އެކަން ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވޭނީ އެޕްލިކޭޝަން ހުށަހަޅައި ޝަރުތު ފުރިހަމަވާ ތަރުތީބުން ކަމަށެވެ.