ތިލަމާލެ ބުރިޖުން އެނގެނީ މަޝްރޫޢުތައް އަވަސްކުރަން އިސްކަންދޭކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން، މާލެއިން ވިލިމާލެއަށް ބްރިޖު މަތިން ހިންގަވާފައި ވަޑައިގަންނެވަމުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރައީސް ވިދާޅުވީ، ދެރަށް ގުޅުވާލުމުގެ މައިލްސްޓަން ހާސިލުކުރެވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ސަރުކާރުން މި މަޝްރޫއަށް ދެއްވާ ހާއްސަ އިސްކަމާއި، ސަރުކާރުގެ ހުރިހާ ލެވެލްއެއްގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެގޮތުން ތިލަމާލެ ބްރިޖު މަޝްރޫގެ ދަށުން މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖު ގުޅުވާލުމުގެ މައިގަނޑު މަސައްކަތް ނިމި، ދެރަށް ގުޅުވާލެވުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމްރާނީ މަޝްރޫއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫގެ މަސައްކަތް މިހާރު ކުރިއަށްދާ ބާރުމިނުގައި ގޮސް، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ބްރިޖު ނިމުމުން މުޅި ގްރޭޓަރ މާލެ ސަރަހައްދުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ހާއްސަކޮށް އިންޑިއާއާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުތައް ނިންމުމަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.