ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގދާއިރާއަށް އިސްކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގައި މި ރޮނގުން މަތީ ތަޢުލީމު ފުރިހަމަކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމަކީ ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދަރިވަރުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް، ރައީސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއަށް، ދިވެހި އިންޖިނޭރުންގެ ދައުރު ނުހަނު މުހިންމުކަމަށާއި، ބޭނުންފުޅުވަނީ ރާއްޖޭގެ އިންޖިނޭރިންގދާއިރާއަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާއަކަށް ހެދުންކަމަށެވެ.
ދަރިވަރުން ވަނީ ކިޔެވުމުގައާއި އަމަލީ މައިދާނުގައި ދިމާވާ ދަތިތައް، ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. އެގޮތުން ލެބޯޓަރީއާއި ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ނެތުމުގެ ސަބަބުން ޢަމަލީ ތަޖުރިބާ (ހޭންޑްސް-އޮން އެކްސްޕީރިއެންސް) ހޯދުމަށް ހުރަސްތަކެއް ހުރިކަން ދަރިވަރުން ފާހަގަކުރިއެވެ. އަދި އާކިޓެކްޗަރ ދަރިވަރުންނަށް ހާއްސަ ސްޓޫޑިއޯތައް ނެތުމާއި، ރާއްޖޭގައި އެދާއިރާއިން މާސްޓަރސް ލެވެލްއަށް ކިޔެވޭނެ އިންތިޒާމު ނެތުމުގެ މައްސަލަވެސް ދަރިވަރުން ފާހަގަކުރިއެވެ. މީގެއިތުރުން، ގާވާއިދާ ހިލާފަށް ބިދޭސީންނަށް ވަޒީފާގެ ފުރުސަތުތައް ލިބެމުންދާތީ، ސަނަދުލިބިފައިވާ ދިވެހި އިންޖިނޭރުންނަށް ވަޒީފާ ހޯދުމަށް ހުރި ދަތިތައް ހިއްސާކުރިއެވެ.
އެ ކަންބޮޑުތަކަށް އިޝާރާތް ކުރައްވައި ރައީސް ވަނީ، ސިޔާސަތެއްގެ ގޮތުގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ނިންމެވީވެސް މި ދާއިރާއަށް ގިނަ ދިވެހިން ނެރުމުގެ ބޭނުމުގައިކަމަށާއި، ޒުވާން، ދިވެހިން މި ދާއިރާއިން ކިޔަވައިގެން ނިކުތުމުން ވަޒީފާ ނުލިބޭންވީ ސަބަބެއް އޮވެގެންނުވާނެ ކަމަށެވެ. އަދި ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފަސޭހައިން ވަޒީފާ ލިބޭނެ ގޮތްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ހައި އެޗީވާސް ސްކޮލަރޝިޕާއި ލޯނު ދިނުމުގައި އިންޖިނޭރިންގދާއިރާއަށް އިސްކަންދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޔުނިވަރސިޓީ ތެރެއިން ރަނގަޅު ތައުލީމީ ފުރުސަތުތަކާއި ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، ދާއިރާގެ ގަވާއިދުތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސް ޑރ. މުއިއްޒު ހަމަޖެއްސެވީ، ފާއިތުވެ ދިޔަ 2025ވަނަ އަހަރުއެވެ.
ރައީސް މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.