މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ރިވެލި އެވޯޑަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ މުއްދަތު 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިހާރު އިތުރުކުރެވިފައިވާ ކަމަށެވެ.
ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު (8/2010) އާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ހަރަކާތެކެވެ.
މި އެވޯޑު ދިނުމުގެ މަޤުޞަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމެވެ.
މި އެވޯޑުން ޙާޞިލްކުރުމަށް ބޭނުންވާ ނަޠީޖާ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ލާބަޔަށް އެކި ފަރާތްތަކުން މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި އެކަމަށް ހިތްވަރު ދިނުމެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާއި ބެހޭގޮތުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކަށް މުޖުތަމަޢުގެ ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދިނުމާއި ނުކުޅެދެންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، އެފަރާތްތަކުގެ ކުރިއެރުމަށް މަގުފަހިކުރުން ހިމެނެއެވެ.
މި އެވޯޑު ދެވެނީ ޖުމްލަ 06 ކެޓަގަރީއަކުންނެވެ. އެގޮތުން އެ ދާއިރާތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއާއި، އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާ ހިމެނެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިތުރުން، އެފަދަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކަށް ވެސް މި އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ ވެސް މީގެ ތެރޭގައި ހިމެނެއެވެ.