އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން ދެ ގަވާއިދެއް ނެރެ ޢަމަލުކުރަން ފަށައިފިއެވެ.

އެގޮތުން އެ ދެ ގަވާއިދު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. މި ގަވައިދުތައް ޝާއިޢުކޮށްފައި ވަނީ 27 އޮގަސްޓު 2026 ގައެވެ.

އަލަށް އެކުލަވާލާ އަމަލުކުރަންފެށި ދެ ގަވާއިދަކީ އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު އަދި އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދެވެ.

އެ ދެ ގަވާއިދު އާންމުންގެ ހިޔާލަށް ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އަދި އާންމު ކުރެވުނު އާ އުސޫލުތަކުގެ ދަށުން، ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެއެވެ.

އިންޝުއަރެންސް ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުކަމަށް ބަލާނެ ރިސްކުތައް ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަރކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގާ ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމުގެ ގަވާއިދެވެ.

އަދި އެ އޮތޯރިޓީގެ ވެބްސައިޓްގައި ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން، އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އިންޝުއަރެންސް އާންމު މާއްދާތަކުގެ ގަވާއިދަކީ އިންޝުއަރެންސްއާބަހޭ ޤާނޫނުގައި، ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ނުވަތަ ކަންކަން ކުރުމަށް ކަނޑައަޅާފައިވާ މާއްދާތަކުގެ ބޭނުމަށް އެކުލަވާލާފައިވާ ގަވާއިދެެކެވެ.

މި ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ޤާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރުކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރުކަމުގެ ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އިންޝުއަރެންސްއާބެހޭ ޤާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ.

ރާއްޖޭގައި އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.