ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރީގައި ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ދެ ކާރެއް ޓޯކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ވިނަރެސް 7 ކުރިމަތީގައި ރޭ ހިނގި އެކްސިޑެންޓުގެ ތަހުގީގަށް ބޭނުންވާ ހެކި ހޯދަން 2 ކާރެއް ޓޯކޮށްފައިވާ ކަމަށެވެ.
އެއީ އެ ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯއިން ފެންނަން އޮތް ރީނދޫ ކުލައިގެ ކާރަކާއި ހުދު ކުލައިގެ ކާރެވެ. ފުލުހުން ބުނީ ރޭގެ 9:00 ހާއިރު ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެނަކާއި ސައިކަލް ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެ ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓުވުމާ އެކު ކުއްޖާ ފުރަތަމަ ގެންދިޔަ ހުޅުމާލޭ ހޮސްޕިޓަލުން، ކުއްޖާގެ ހާލު ސީރިއަސްކަމުން ލީ ވެންޓިލޭޓަރަށެވެ. އަދި މިހާރު އެ ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.
ސައިކަލު ދުއްވަން އިން އަންހެންމީ އަކީ އަނިޔާވި ކުއްޖާގެ ބޮޑުދައިތަ އެވެ. އެކްސިޑެންޓްވުމާ އެކު ކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، ބޮލުން ގިނަ އަދަދެއްގެ ލޭފައިބަމުންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެއެވެ.
ކުއްޖާ ޒަހަމްވީ ކާރުގައި ޖެހިގެން ކަމެއް ނުވަތަ މީހާގެ ގައިގައި ޖެހި ވެއްޓިގެން ކަމެއް އަދި ކަށަވަރުވެފައި ނުވާއިރު، އެ ހާދިސާގެ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުން ވަނީ ބަލާފައެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.