އިންޖިނިއަރިން ގެ އެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކި ކަހަލަ ރިސާޗްތައް ކުރެވޭ ސްޓޭޓް އޮފް ދަ އާޓް އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީ އެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް ގަސްތު ކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އިންޖިނިއަރުންނަށް އަދި އެ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށް އެ ދާއިރާއިން ތައުލީމު ހާސިލު ކުރަމުންދާ ޒުވާނުންނަށް މަރުހަބާ ކިޔުމަށް އާންމުކުރައްވާފައިވާ ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، އިންޖިނިއަރިން ދާއިރާގައި އެކި އެކި މަސައްކަތްތައް ކުރަމުންދާ ފަރާތްތައް ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަން ފާހަގަކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ، އެ ދާއިރާ ތަކުން ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް ދިވެހިން އިތުރު ކުރަންޖެހޭ ކަމަށާއި، އިންޖިނިއަރިންގެ އެކި އެކި ދާއިރާތަކުން މަތީތައުލީމު ހާސިލުކުރާ ކުދިން އިތުރުވުމަށް އެދިލައްވާ ކަމަށެވެ.

މިގޮތަށް މިކަން ކުރުމުގައި ސަރުކާރުގެ ފަރާތުން އެކި އެކި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަން. މިގޮތުން، ކުރިއަށް އޮތް ދުވަސް ތަކުގައި އިރާދަ ކުރެއްވިއްޔާ އިންޖިނިއަރިން ގެ އެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކި ކަހަލަ ރިސާޗްތައް ކުރެވޭ ސްޓޭޓް އޮފް ދަ އާޓް އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީ އެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގަސްދު ކުރަން، މި އިމާރާތުގައި ސިވިލް އިންޖިނިއަރިނާއި، މެކޭނިކަލް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އަދި އޭރޯނޮޓިކަލް އިންޖިނިއަރިން، ރޮބޮޓީކްސް އޭއައި، ޑިޖިޓަލް އިންޖިނިއަރިން، މިހެން ގޮސް އެކި އެކި އިންޖިނިއަރިން ދާއިރާ ތަކުން އެކި ކަހަލަ އެކްސްޕެރިމެންޓްތައް ހަދައި، އެކި ކަހަލަ ރިސާޗްތައް ހަދާ، މި ދާއިރާ އިން ކުރިއަށް ދިޔުމަށް އަދި މި ދާއިރާ އިން ކިޔެވުމަށް ބޭނުންވާ ހުރިހާ ކުދިންނަށް އަދި ރާއްޖެއިން ބޭރުންވެސް ރާއްޖެ އައިސް ތަހުލީލުތައް ކުރުމުގެ ފުރުސަތު ލިބޭ އިމާރާތެއް ގާއިމު ކުރުމަށް ސަރުކާރުން ގަސްތުކުރަން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، މިކަމަށްޓަކައި ބޭނުްވާ ފަންނީ މަސައްކަތްތަކާއި، އިންވެސްޓުމެންޓުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށާއި، މިކަން ކުރިއަށް ގެނަދާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ކަމަށެވެ.

މީގެ އިތުރުން، މިކަން ވެގެންދާނީ ރާއްޖޭގައި އެކި އެކި އިންޖިނިއަރިން ދާއިރާތަކުން، ކިޔަވަން ބޭނުންވާ ކުދިން އިތުރުވެގެން ދިޔުމަށާއި، އަދި ރާއްޖެ އަކީ އިންޖިނިއަރިން، އެކި ފީލްޑު ތަކުގައި ތަރައްގީގެ މައިދާނުގައި، ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަކަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ފާހަގަކުރަނީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި އެވެ.