މާލޭގެ ގެއެއްގައި މިދިޔަ ހަފުތާގައި ގޭސް ލީކުވި ހާދިސާގައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ނުހަދައި، އާއިލާއާ މިއަދު ހަށިގަނޑު ހަވާލުކޮށްފި އެވެ.
މ. ދިލްކުޝާ ގޯޅީގައި އަލިފާނުގެ ހާދިސާ ފުލުހުނަށް ރިޕޯޓުކޮށްފައިވަނީ 10:34 ހާއިރު އެވެ. އެ ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައިރު، އޭގެ ތެރެއިން އެކަކު ވަނީ ނިޔަވެފަ އެވެ. އަދި ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ވިލިނގިއްޔަށް އުފަން އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީޤެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގަށް އޭނާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ޒާހިދާގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމައި، މިއަދުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ އާއިލާއާ ހަވާލުކުރެވިފައެވެ. ނަމަވެސް، މި ނިންމުމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.