ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މަހަކު ލިބޭ ޖުމުލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކަކަށް ރުފިޔާ އަށް މާރުކުރަން ލާޒިމްކުރާ ގޮތަށް، ގާނޫނަށް ގެނައި ބަދަލަކީ ރައްޔިތުންގެ މަސްލަހަތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ރައީސެއްގެ އެންމެ ބޮޑު އެއް ޒިންމާ އަކީ ދިވެހި ރައްޔިތުންނަށް ފައިދާ ކުރަނިވި ކަންކަން ސަރުކާރުގެ ނިޒާމުގެ ތެރެއިން ފަހިކޮށްދިނުން ކަމަށާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކޮށްދެއްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު، ދިވެހި ރައްޔިތުންގެ ވިޔަފާރިތައް ހިމާޔަތް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންގެ މަސްލަހަތު ހުރި ގިނަ ކަންތައްތަކެއް ރައްކާތެރިކަމާ އެކީގައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ގައުމީ ފެންވަރުގައި ހަމަޖައްސަވާ ތަރުތީބު ކުރައްވާފައިވާ ކަމަށެވެ.

މިއީ، ރާއްޖޭގައި މިހާތަނަށް ވެރިކަން ކޮށްފައިވާ ކޮންމެ ބޭފުޅަކުވެސް، އަދި ސިޔާސީ މަސައްކަތު މައިދާނުގައި އުޅުއްވި ކޮންމެ މީހެއްވެސް ދައްކަވާފައިވާ ވާހަކައެއް ނަމަވެސް އެއްވެސް ބޭފުޅަކަށް މައިދާނެއްގެވެސް ހަފްލާއެއްގަ ބަސްދީ ގަތުމެއްގައިވެސް މި ވާހަކަ ބުނެލަންވެސް ނުކެރި ފަހަތަށް ޖެހުނު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް މިއަދު އެ ނިންމެވި ނިންމެވުމަކީ ދިވެހި ރައްޔިތުންގެ އެންމެ މަސްލަހަތު ނެގެހެއްޓުމަށްޓަކައި ނިންމެވި ނިންމެވުމެއް. އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަސް ފައިދާ ވެގެން ދަނީ، ދިވެހި ވިޔަފާރިވެރިންނަށް ފައިދާ ވެގެން ދަނީ، ޑޮލަރު ނުލިބި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ، ވަރަށް ދުރުވިސްނޭ ސިޔާސީ ނިންމުމެއް އެ ނިންމެވީ"

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް

ނައިބު ރައީސް ވިދާޅުވީ، މަސްލަހަތު ހުރި ވިޔަފާރިތައް ރައްކާތެރި ކުރެވޭނީ، ތިމާ އުފަންވި ގައުމު މިނިވަންކަމާ، ސިޔާދަތާއި ރައްކާތެރިކަމާ އެކު ދެމިއޮވެގެން ކަމަށެވެ. އަދި މާދަމާ އަނަން އޮތް ޖީލަށް މިކަންކަން ފޯރުކޮށްދެވޭނީ ވެސް ގައުމު ގައުމެއްގެ ގޮތުގައި ހިނގައިގެން ކަމަށްވެސް ނައިބުރައީސް ވިދާޅުވި އެވެ.