ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާންމުކުރި ބިދޭސީން މަސައްކަތްކުރާ ދާއިރާތަކުގެ ކެޓަގަރީ ލިސްޓަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން އާންމުކޮށްފައިވާ އެކްސްޕެޓް ސިސްޓަމް އޮކިއުޕޭޝަން ކެޓެގަރައިޒޭޝަން ލިސްޓުގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ބައެއް ސަބް ސްޕެޝަލިޓީ ޑޮކްޓަރުންނާއި، ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި، މެޑިކަލް އިމޭޖިން ޓެކްނީޝަނުން ހިމެނޭ ގޮތަށް "ޕްރޮފެޝަނަލް" އިން "ނޮން-ޕްރޮފެޝަނަލް" އަށް ވަނީ ބަދަލުކޮށްފައެވެ.

މި ބަދަލުގެ ސަބަބުން ޑިޕެންޑެންޓް ވިސާ އާއި ރެމިޓެންސް ލިމިޓް މަތިކުރުން ފަދަ ޕްރޮފެޝަނަލް ސްޓޭޓަސްއާ ގުޅިފައިވާ ޕްރޮފެޝަނަލް ހައިސިއްޔަތުން ލިބޭ ފައިދާތައް ބިދޭސީ ސިއްހީ ހިދުމަތްތެރިންނަށް ގެއްލިގެންދާނެކަން އެ ޔޫނިއަންއިން ވަނީ ފާހަގަކުރައްވާފައެވެ.

މި މަސައްކަތްތެރިންގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހުން ކަމަށާއި ޑިޕެންޑެންޓް ރެސިޑެންޓް ވިސާ އާނުކުރެވުމުގެ ސަބަބުން އާއިލާތަކަށް މަޖުބޫރުވެ، އަނބިދަރިންނާއި އަނބިން ވަކިވެ، ދަރިން ފޮނުވާލަން މަޖުބޫރުވެ، ދިރިއުޅުމަށާއި ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެޗްޕީޔޫއިން ވަނީ ބުނެފައެވެ.

މީގެ ސަބަބުން ބިދޭސީންގެ މައްޗަށް ބަރޯސާވެފައިވާ ސިއްހީ ނިޒާމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަން އެ ޔޫނިއަންއިން ވަނީ ފާހަގަކުރައްވާފައެވެ.

މި ކެޓެގަރައިޒޭޝަން ވަގުތުން މުރާޖަޢާކޮށް، ސިއްހީ ހިދުމަތްތެރިންގެ ޤާބިލުކަމާއި، ހުނަރާއި، ޒިންމާތަކާއި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މިންވަރު ބަލައިގަތުމަށް ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް އެޗްޕީޔޫއިން ވަނީ ގޮވާލާފައެވެ.

އަދި މި މައްސަލަ ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީއަށްވެސް އެޗްޕީޔޫއިން ވަނީ ގޮވާލާފައެވެ.