ކ. މާފުށީގައި ބޭއްވި އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމް އެންޒީއިން ހޯދައިފިއެވެ.
ޖުމްލަ 14 ޓީމާއެކު އިއްޔެ ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން އެންޒީ ޓީމުން 923 ޕޮއިންޓް ހޯދާފައިވާއިރު، ސްޓެލްކޯގެ ޓީމުން ދެވަނަ ހޯދައިފައިވަނީ 606.25 ޕޮއިންޓާއެކީގައެވެ. އަދި ތިންވަނަ ލިބިފައިވަނީ 597.75 ޕޮއިންޓް ހޯދައިފައިވާ އޭވިއަން ޓީމަށެވެ.
މި މުބާރާތުގެ އެއްވަނަ ހޯދި ޓީމަށް އުރީދޫގެ ފަރާތުން 25،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައިވާއިރު، ދެވަނަ ހޯދި ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. ހަމައެއާއެކު، ތިންވަނައަށް ދިޔަ ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަދިޔާކޮށްފައެވެ.
މި މަސްރޭހުގެ 'ބެސްޓް ފިޝަމެން' އަކަށް ސްޓެލްކޯ ޓީމުގެ އިސްޙާޤް މުޙައްމަދް ހޮވިފައިވަނީ ޖުމްލަ 13 މަސް ބާނައި 'ބެސްޓް ފިޝަވުމަން' އަކަށް ހޮވިފައިވަނީ ޓީމް ސީ ޕާރލްގެ ޝަހީދާ މުޙައްމަދެވެ. އޭނާ ވަނީ ޖުމްލަ 19 މަސް ބާނާފައެވެ.
މީގެއިތުރުން، މުބާރާތުގެ އެންމެ ބަރު މަސް ބާނާފައިވަނީ ޖުމްލަ 8.55 ކިލޯގެ މަސް ބާނައިގެން ތިންވަނައަށް ދިޔަ އޭވިއަން ޓީމްގެ ޢަލީއެވެ
އުރީދޫ މަސްރޭހަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށްދޭ ހަރަކާތެއް ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.