މީގެ 8 އަހަރުކުރިން ހުޅުވި "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" ނުވަތަ "ސިނަމާލެ ބުރިޖު" އަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފެށިތާ 8 އަހަރުފުރުމާއި ގުޅިގެން އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސިނަމާލޭ ބުރިޖަކީ ރާއްޖޭގައި ކުރިއަށްގެންދިޔަ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމަށް ތަރައްގީކުރި ސިނަމާލޭ ބުރިޖަކީ އިންޖިނިއަރިން ދާއިރާއިން އަދި އުމްރާނީ ގޮތުންވެސް ރާއްޖޭގައި ކުރިއަށްގެންދެވުނު އެންމެ ފާހަގަކޮށްލެވޭ މަޝްރޫއުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކަނޑު ހުރަސްކޮށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބުރިޖެއް ތަރައްގީ ކުރެވިދާނެކަމާމެދު ގިނަ ބަޔަކު ޝައްކުކުރިނަމަވެސް، ބުރިޖުގެ މަސައްކަތް އޮތް ޝެޑިއުލަށްވުރެ އަވަހަށް ނިންމާލުން ވެގެންދިޔައީ ތާރީހުގައި ފާހަގަކޮށްލެވުނު ދުވަހަކަށް ކަމަށެވެ.

ރައީސް ވަނީ ސިނަމާލެ ބުރިޖު ހުޅުވިތާ 8 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ބުރިޖު ސަރަހައްދަށް ވަޑައިގެން އެސަރަހައްދު ބައްލަވާލައްވާފައެވެ. އެމަނިކުފާނު އެސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބާއި، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. މީގެއިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ވަނީ، އެސަރަހައްދުގައި ގާއިމުކޮށްފައިވާ ޕާކުގައި ހުރި ބުރިޖު މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދިޔަ ދުވަސްވަރާއި އަދި ބުރިޖު ހުޅުވި ދުވަހުގެ ފޮޓޯތައް ބައްލަވާލައްވާ، ބުރިޖު ބައްލަވާލެއްވުމަށް ވަޑައިގެންފައެވެ. މީގެ އިތުރުން ރައީސް ވަނީ، މިމަޝްރޫއަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްކަމަށާއި، އުމްރާނީ ތަރައްގީގެ މަޝްރޫއަކަށްވުރެ ބޮޑަށް ބުރިޖު މަޝްރޫއުން ދައްކުވައިދެނީ އިތުބާރާއި ޔަގީންކަމާއި ދެގައުމުން ގެންގުޅޭ އުއްމީދީ ތަސައްވުރު ކަމަށެވެ.

ރައީސް ވިދާޅުވީ، ޗައިނާގެ ރައީސް ޝީޖިންޕިންގެ ޒައާމަތުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަވެ އިތުރު ފުރުސަތުތައް އަންނަން އޮތް މުސްތަގުބަލަށް ދެގައުމުގެ ރައްޔިތުންނަށްޓަކައި ފަހިވެގެންދާނެ ކަމަށެވެ. މިމަޝްރޫއަށް 8 އަހަރުފުރޭ މުނާސަބާއާއި ދިމާކޮށް ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ސިނަމާލޭ ބުރިޖު ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުގައެވެ. ސިނަމާލޭ ބުރިޖުގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔައިރު ރައީސް ހުންނެވީ އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.