އިންޓަރ-ޕާލިމެންޓަރީ ސްޕީކަރސް ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.
ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 26 އިން 28 އަށް ކެމްބޯޑިއާގެ ފްނޮމްޕެންގައެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ކެމްބޯޑިއާއަށް ފުރާ ވަޑައިގެންނެވީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
އެ ކޮންފަރެންސްގައި "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސްވަނީ ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމަށާއި، މަޝްވަރާކުރުން އިސްކުރުމަށް ގޮވާލައްވާފައެވެ.
ކެމްބޯޑިއާއިން ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ކެމްބޯޑިއާގެ ތަޖުރިބާއިން ދައްކައިދެނީ ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި، ޢަޒުމަކާއި، ޞުލްޙަވުމުގެ ރޫހެއް އޮވެއްޖެނަމަ، އެކަންކަމުން އަރައިގަނެވޭނެކަމެވެ.
އަދި، ޔުނައިޓެޑް ނޭޝަންސް ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ދުނިޔޭގެ ޞުލްޙައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސްތަކެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި މި އަސާސްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އަސާސްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޞުލްޙަ ގާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޝްވަރާ ކުރުމަށް ފުރުޞުތު ލިބިގެންދާ ކަމަށެވެ. އަދި، ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއާއި، މި ސަރަޙައްދަށް އިންޑިއާ ކަނޑުގެ މުހިންމުކަން ފާހަގަކުރައްވައި، މަޖިލީހުގެ ރައީސް އިންޑިއާ ކަނޑު ސިފަކުރެއްވީ ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެއިތުރުން އެކި ދާއިރާތަކުން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މައި ނާރެއްގެ ގޮތުގައެވެ. އަދި، އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ މާޙައުލު ރައްކާތެރިކޮށް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ތިމާވެށީގެ ރައްކާތެރިކަމާއި ޞުލްޙަ މަސަލަސްކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހަލާކުވުމާއި، ކަނޑުތައް ތަޣައްޔަރުވުމުގެ އިތުރުން މޫސުމީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށާއި، އެއީ ޞުލްޙަވެރިކަމާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުތަކުގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ގުޅުންތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ތަރައްޤީއަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ކަމަކަށް ވާންޖެހޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ތަރައްޤީއާއި ކުރިއެރުމަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުން ނޫންކަމަށާއި، އޭގެ ތެރޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި، އާ އީޖާދުތަކާއި، ހަމަހަމަ ފުރުޞަތުތަކުގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސްވަނީ އެ ސަރަޙައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހުރިހާ ރައްޔިތުންގެ ޙައްޤުތަކަށް ކަށަވަރުކުރެވޭ ފަދަ އިންޞާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން، ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން ޢަޒުމް ކަނޑައެޅުއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ. ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކުރުމަށާއި، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހެދުމަށާއި، އަދި ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ޞުލްޙައާއި، ހަމަޖެހުމާއި، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ، މެންބަރު މުޞްޠަފާ ޙުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.