އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެމެރިކާ ސިފައިންގެ ހަތިޔާރާއި ވަސީލަތްތައް ވަރަށް ބޮޑަށް ހުސްވަމުން ދާތީ، އެހެން ގައުމުތަކުން ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން ހުރި މިންވަރާ މެދު ފުން ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށް އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލް ނޫހުން ރިޕޯޓް ކޮށްފިއެވެ.
އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔަ ހަމަލާތަކުގައި އެމެރިކާގެ ބާރުގަދަ ދުރަށް ފޮނުވައިލާ މިސައިލްތަކާއި ހަތިޔާރުތައް ބޮޑެތި އަދަދަކަށް ހޭދަކުރަންޖެހުމުގެ ސަބުން، ޗައިނާއި ރަޝިޔާ ފަދަ ގައުމުތަކުން ކުރިމަތިވެދާނެ ނުރައްކާތަކުން ދިފާޢުވުމަށް އެމެރިކާއަށް އޮތް ޤާބިލުކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ސިފައިންގެ މަރުކަޒުގެ އާންމު ސިޔާސަތުގެ ތެރެއިން މެދުއިރުމައްޗަށް ހަތިޔާރު ފޮނުވުމުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ދިފާޢީ ވަޒީރު ޕީޓް ހެގްސެތް އެވެ.
ނަމަވެސް މި ހޭދަތައް ބޮޑުކަމުން، ޔޫރަޕްގައި ހުރި އެމެރިކާގެ "ޕެޓްރިއޮޓް" ވައިގެ ދިފާޢީ ނިޒާމުގެ މިސައިލްތަކާއި ދުރަށް ފޮނުވައިލާ މިސައިލްތަކުގެ ރިޒާވް މިންވަރު ވަނީ "އިންތިހާއަށް ކަންބޮޑުވާންޖެހޭ ދަރަޖަ" އަކަށް ދަށަށް ގޮސްފައި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ފާއިތުވި ހަފުތާތަކުގައި އެމެރިކާއި އީރާނާ ދެމެދު ސީދާ ހަމަލާތައް ދިނުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީ ނަމަވެސް، ޖަޕާން، ދެކުނު ކޮރެއާ އަދި ޖަރުމަނުވިލާތް ފަދަ ގައުމުތަކުގެ އެހީއާއެކުވެސް އެމެރިކާގެ ހަތިޔާރު ފުރިހަމަކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް އެ ނޫހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި ހަތިޔާރުތަކުގެ ދަތިކަމަކީ ހަމައެކަނި އީރާނާ ކުރި ހަނގުރާމައިގެ ސަބަބުން ދިމާވި ކަމެއް ނޫނެވެ. މިއީ ފާއިތުވި އަހަރުތަކުގައި ޔުކްރެއިނާއި މެދުއިރުމަތީގެ އެކި ކަންކޮޅުތަކަށް އެމެރިކާއިން ބޮޑެތި ސިފައިންގެ އެހީތަކެއް ފޯރުކޮށްދިނުމާއި، އަދި އިޒްރޭލަށް ފޯރުކޮށްދެމުންދާ ޒަމާނީ ެދިފާޢީ ނިޒާމުތަކުގެ ސަބަބުން އެމެރިކާގެ އަމިއްލަ ރިޒާވަށް ކުރިމަތިވެފައިވާ ބޮޑު ޕްރެޝަރެއްގެ ނަތީޖާއެކެވެ.
މީގެއިތުރުން ސިފައިންގެ ސިނާއަތްތަކުން މިފަދަ ހަތިޔާރުތައް އުފެއްދުމަށް ހޭދަވާ ދިގު މުއްދަތުގެ ސަބަބުން، ހުސްވަމުންދާ ސްޓޮކް އަލުން އާކުރުމަކީ އެމެރިކާގެ ސިފައިންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިއީ ދުނިޔޭގެ ސުލްހައަށާއި ސަރަހައްދީ ހަމަނުޖެހުންތަކަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.