އަމިއްލަ ގެދޮރެއް އޮވެ އެތަން ހަދަން ދަތިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދައްކައިގެން ބޭންކަކުން ގެދޮރު ހެދުމަށްޓަކައި ފައިނޭންސް ލިބޭނެ ނިޒާމެއް ގާއިމް ކުރަމުންދާކަމަށެވެ. އެގޮތުން އިކުއިޓީގެ ގޮތުގައި 2 ލައްކައެއްހާ ރުފިޔާ ލިބޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިއީ 1 މިލިޔަނާ ހިސާބަށް ލޯނު ލިބޭ ސްކީމެއް ކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މި ސްކީމް ކުރިއަށް އޮތް ދެމަސް ތެރޭގައި އިފްތިތާހު ކުރެވިގެންދާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ މަޝްރޫއަށް ބޭންކުތަކާއި އެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަރުހަލާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މި ޕްރޮސެސްގެ ތެރޭގައި 4 ބޭންކަކާއި އެކުގައި އެމްއޯޔޫގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ހިޔާވަހި މަޝްރޫއުގައި މިހާތަނަށް އެކި މަރުހަލާތަކުގައި 891 ފޯމެއް އެޕްރޫވްކޮށްފައިވާ ކަމަށާއި އޭގެތެރެއިން މިހާރު 629 މީހަކަށް ލޯނު ދޫކުރުމަށްޓަައި އެންމެ ފަހު ތައްޔާރީތަށް ވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި 244 ފަރާތަކަށް ލޯނު ދޫކުރެވިފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.