ކާރަކާއި ސައިކަލެއްޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ކުޑަ ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އެއީ 9 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ.

ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވާފައި ވަނީ އެ ކެޓެގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއްކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީއެއް އޮތީ މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި މަޑުކޮށްގެންނެވެ. އަދި އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި، ކަހައިގެން ގޮސްފައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

އަދި ކުއްޖާގެ ބޮލުން ބައިވަރު ލޭ އައިސްފައި އޮތްތަން ވެސް ފެނެއެވެ.