ނަޝީދު އަދި ފައްޔާޒުގެ ޓީމް މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މީޑިއާއަކުން ލިޔެފައިވާ ހަބަރަކަށް ރައްދު ދެއްވަމުން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މީޑިއާއަށް ފައްޔާޒުގެ ނަންބަރުން އެނގޭނެ ކަމަށާއި މިފަދަ ކަމެއްގައި ސުވާލު ކުރުމުން ޖަވާބުދޭނެކަން އެނގޭނެ ކަމަށެވެ. އަދި ގުޅާލެއްވިނަމަ ރަނގަޅުވީސް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
'ބޮޑު ބަދަލު' ވަޓްސްއެޕް ގްރޫޕުން ނުކުތުން އެއީ ހަބަރަކަށް ވާވަރުގެ ކަމަކަށްވާނަމަ ފައްޔާޒު ވިދާޅުވީ، "ބޮޑު ބަދަލު" ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން ނުކުމެލި ކަމަށެވެ. އަދި އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަން ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
ފައްޔާޒުއާއި ނަޝީދު އެކުގައި 'ބޮޑު ބަދަލު'ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ.