މިސަރުކާރު މި ގެންދަނީ ރާއްޖެ ބަނގުރޫޓު ކުރަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ގުދްރަތީ ވަސީލަތްތައް ބޭނުން ކޮށްގެން ތަނަވަސްކަން ހޯދެނީ ވިޔަފާރީ ވެރިޔާ ވެސް މަސައްކަތް ކުރާ މީހާ ވެސް ހުރުމުން ކަމަށެވެ. ވިޔަފާރީ ވެރިޔާ ހޯދާ މުއްސަދި ކަމަކީ އޭނާގެ މަސައްކަތުން ހޯދާ މުއްސަދި ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެ މުއްސަދިކަން ގުޅިފައިވަނީ މުޅި ގައުމުގެ އެންމެންގެވެސް ތަނަވަސްކަމާއި ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ވިޔަފާރި ވެރިޔާއަށް ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރު ކުރުމަށް މަޖްބޫރު ކުރުމުން އެ ވިޔަފާރީތަށް ދެކޮޅު ނުޖެހި ބަނގުރޫޓު ވެދާނެ ކަމަށެވެ.

ވިޔަފާރި ވެރިޔާ ބަނގުރޫޓް ވީމާ މީހުންގެ ވަޒީފާތައް ގެއްލުމުން ރިސޯޓް ވިޔަފާރީ އާ ގުޅުން ހުރި ދެން ހުރި ހުރިހާ ވިޔަފާރީއަކަށް އަސަރު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި ބަދަލާއެކު ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި، ބޭރު ފައިސާ މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ.

މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.