މާލޭގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސީ އިއްޔެ ހަވީރު 17:34 އެހައިކަންހާއިރު ކަމަށާއި، ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު، އެ މީހާ ފިލަން މަސައްކަތްކޮށްފައި ވާކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ.ފަރެސްމާތޮޑާ، ހަތި/ އުމުރުން 23 އަހަރުގެ ސާއިން ޢަބްދުލްޤައްޔޫމް އެވެ.
ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ އޭނާ ދުއްވި ސައިކަލު ޓޯވކޮށް، އެ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.