ހުޅުމާލެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލުގައި އިތުރު 3 ސްޕެޝަލިސްޓް ހިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.
މި ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި މި ޚިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުވާދެއްވާފައެވެ.
މި ހިދުމަތްތައް ފެށުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި ވަޒީރު ގީލާ ވިދާޅުވީ، މި ހިދުމަތްތަކަކީ އަތޮޅުތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް ދެމުންދާ ހިދުމަތްތަކެއްކަމަށާއި، ނަމަވެސް މި ހިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމުގެ މައިގަނޑު ބޭނުމަކީ އައިޖީއެމްއެޗްއަށް އޮންނަ ބާރު ކުޑަކުރުމަށް ކަމަށެވެ.
އެގޮތުން މިވަގުތުވެސް ވެއިޓްލިސްޓްގައި ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަމާޒަކީ ވެއިޓްލިސްޓް ކުޑަކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިއުން މަދުކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މީގެ ކުރިން މި ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުން ދާންޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށާއި، ނަމަވެސް މިހާރު ހުޅުމާލެ ހޮސްޕިޓަލުން ނިއުރޯގެ ކޮންސަލްޓޭޝަނާއި އީއީޖީ ހެދުމުގެ ހިދުމަތުގެ އިތުރުން ޔޫރޮލަޖީގެ ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް އަދި ގޭސްޓްރޯގެ ކޮންސަލްޓޭޝަން ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ގޭސްޓްރޯގެ އެންޑޯސްކޯޕީއާއި ކޮލޯނޯސްކޯޕީގެ ޚިދުމަތް ފެށުމަށް ރޭވިފައިވާކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ނިއުރޯ ސައިންސް ޔުނިޓްގައި ހިމެނޭ އީއީޖީގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު 2 ޖެހުމާ ހަމައަށް ނަންނޯޓް ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ޚިދުމަތް ފޯރުކޮށްދޭނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ޚިދުމަތް ފުޅާކުރުމަށް ފާއިތުވި ދެ އަހަރަރަކާއި ބައިގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި 4 އޮޕަރޭޓިންގ ރޫމުގެ ތިއޭޓަރު ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން 14 އެނދުގެ ނިއޯނޭޓަލް އައިސީޔޫއެއް ގާއިމުކުރުން ހިމެނެއެވެ.