ނިގުޅައިގަނެވިފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމަވާލައްވައި ރާއްޖެ ވަޑައިގަންނަވަމުން "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރުމަށް އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރުވެރިވެވަޑައިގެންނަވާ ކަމަށެވެ. އަދި ރާއްޖޭން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.

އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޒީރު އިރުތިޝާމް އާދަމް ޖިއްދާއަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ. މިއީ ޣައްޒާގެ ސުލްހައިގެ މަގުޗާޓު ތަންފީޒު ކުރުމަށް ޔަހޫދީ ދައުލަތުން ފާޅުގައި ދެކޮޅު ހަދަމުން ދިއުމާއި ގުޅިގެން ސައުދި ޢަރަބިއްޔާ އިސްވެ ބޭއްވި ބައްދަލުވުމެކެވެ.

ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯއައިސީ ބައްދަލުވުމެއްގައި ދިވެހިރާއްޖެ ތަމްސީލް ކުރައްވަމުން ވަޒީރު އިރުތިޝާމް އާދަމް ވަނީ ފަލަސްޠީނުގެ ހައްގުގައި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ. އެގޮތުން، ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ބިންތައް ހިސާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި ޔަހޫދީންގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވައި، ޔަހޫދީ ދައުލަތުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.