ނޭޕާލާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޓިބެޓުގެ ގުދުރަތީ ގަނޑުފެންގަނޑެއްގެ ބައެއް ނެއްޓި، އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު 2،400 އަށްވުރެ މައްޗަށް އަރައިފިއެވެ.
ނޭޕާލާއި ޗައިނާގެ ސަލާމަތީ ފަރާތްތަކުން އަދިވެސް ހިމާލަޔާން ސަރަހައްދުން މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންދާ އިރު، ހުކުރު ދުވަހާ ހަމައަށް ގެއްލުނު މީހުންގެ އަދަދު ވަނީ 2،400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި މަރުވެފައިވާ 616 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް ވެސް ކުއްލި ހާލަތުގައި މަސައްކަތްކުރާ ޓީމުތަކާ ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.
ހަކަތައާ ބެހޭ ބޮޑު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކެއް ހިންގާ ސަރަހައްދެއްގައި މި ހާދިސާ ހިނގިއިރު، ޓިބެޓްގެ ކައިލާޝް ފަރުބަދައަށް ދަތުރުކުރި މީހުން ހިމެނޭ ގޮތަށް ގެއްލިފައިވާ މީހުންގެ ލިސްޓަށް 933 ހައިޑްރޯޕަވަ މަސައްކަތްތެރިން ވަނީ އިތުރުކޮށްފައެވެ.
މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން އެގައުމުގެ މައިގަނޑު އިންފްރާސްޓްރަޗްކާ ސުންނާފަތިވެފައިވާ ކަން ފާހަގަކޮށް އެގައުމުގެ މީހުން ސަލާމަތްކުރުމުގެ ހަރަކާތްތެރިވާ ޓީމުތަކުން ބުނީ، 35 އަށްވުރެ ގިނަ ބްރިޖު އެއްކޮށް ސުންނާފަތިވެފައިވާ ކަމަށާއި، 40 ކިލޯމީޓަރަށްވުރެ ގިނަ މަގުތައް ވެސް ހަލާކުވެފައިވާ ކަމަށެވެ.
މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން ހަރަކާތްތެރިވަމުން އަންނައިރު، އެތައް ބަޔަކު އިމާރާތްތައް ދަށުވެ، އަދި ބައެއް މީހުން މަރުވެވެފައިވާ އިރު އާންމުވެފައިވާ ވީޑިއޯތަކުން ބައެއް މީހުންގެ ހަށިގަނޑުގެ ބައިތައް ވެސް ވަކިވެފައިވާތަން ފެނެ އެވެ.
އެގައުމުން މީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ފަރުވާއަށް ކަތަމަންޑޫއަށް ވެސް ގެންގޮސްފައެވެ.