މިއަދު ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަނީ ކިލޯއެއް 21 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެފި އެވެ.

މިފްކޯއިން ބުނީ، މި ދުވަސްވަރު މަސްވެރިންގެ އަތުން މަސް ގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެ ކަމަށެވެ. އަދި މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެއް ކަމަށްވެސް މިފްކޯ އިން ބުނެ އެވެ.

މިފްކޯއިން ވަނީ މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު އިތުރުވެފައިވާކަން ފާހަގަކޮށް، މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ.

އެގޮތުން، މި އަހަރުގެ ޖޫން 14 ވަނަ ދުވަހުން ފެށިގެން މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުން އައީ 20.00 ރުފިޔާގެ ރޭޓުގައި ކަމަށްވީ އިރު، މިއަދު ގެނައި ބަދަލާއެކު މަސް ކިލޯއެއްގެ އަގު ވަނީ 21 އަށް އަރައި، އިތުރު 1 ރުފިޔާ ބޮޑުވެފައެވެ.

މިފްކޯއިން ބުނީ، މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑު އަދި ސައިޕްލައިއަށް ކަމަށާއި، އެ ކުންފުނިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށް ކަމަށެވެ.

މީގެ އިތުރުން، މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަމުން ދަނީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާއި ކުންފުނީގެ އޮޕަރޭޝަނަލް ހާލަތަށް ރިޢާޔަތްކޮށްގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖެއަށް، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އޭގެތެރޭގައި މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްތައް ކުރުން ހިމެނެ އެވެ.

މިފްކޯ އިން ވަނީ، އަގަށް ގެނައި މިބަދަލާއެކު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޭއެފްސީ ޖެޓީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އޭއެފްސީ ޖެޓީ، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް އެފްއެފްސީ ޖެޓީގެ އިތުރުން ރަންދި-20، ރަންދި-23، ރަންދި-25، ރަންދި-29 އަދި ކޭއޭއެލް 401 ބޯޓުން މިއަދު މަސް ގަންނަމުން ދާނީ ކަޅުބިލަމަސް ކިލޯއެއް 21 ރުފިޔާގެ ރޭޓުން ކަމަށް ބުނެފަ އެވެ.