މި ސަރުކާރުން ދިވެހި ރައްޔިތުންނަށް ބޮޑުތަނުން އިހުމާލު ވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވަނީ، މި ސަރުކާރުން، ހަރަދު ކުޑަކުރުމުގެ ނަމުގައި އަނިޔާވެރިކަން މަތީގައި އެމްޑީޕީއަށް ނިސްބަތްވާ އެތައް މުވައްޒަފުންނެއް ވަޒީފާ އިން ވަކި ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ މިއަދުގެ ސަރުކާރަކީ ހުތުމުހުތާރު، އަދި އަނިޔާވެރި ސަރުކާރެއް ކަމަށާއި، މި ސަރުކާރުން ދިވެހި ރައްޔިތުންނަށް އިހުމާލުވެފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ބޭނުންވާނަމަ، ސަރުކާރުގެ ބޮޑެތި ވަޒީފާތަކަށް ނަގާ ސިޔާސީ މުވައްޒަފުން ނެގުން ހުއްޓާލަން ޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ސަތޭކައިން، ދުއިސައްތައިން، ހާހުން ލާފައި ތިބި މިނިސްޓަރުންތަކާއި، ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ވަކި ކުރައްވާ، އާދައިގެ ނިކަމެތި މުވައްޒަފު މީހާ އާއިލާ އަށް ކެއުންބުއިން ހޯދައިދޭން އަތްފައި ފިއްސައިގެން ކުރާ މަސައްކަތް ކުރިއަށް ނުދެއްވުމުގެ ނިޔަތުގައި، ނިކަމެތި ކޮށްލުމުގެ ނިޔަތުގައި ތިޔަ ކުރައްވާ އަނިޔާ ހުއްޓާ ލައްވާ."

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، މި ސަރުކާރުން އަނިޔާވެރިކަމާއެކު ވަޒީފާއިން ވަކިކުރާ މީހުންނަށް ﷲ ގެ ހެޔޮ ރަހްމަތްފުޅުން، އެމްޑީޕީގެ އަދި އޭނާގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދޭނެ ކަމަށެވެ.