ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓު މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ކެމްޕެއިން ރިސޯޓު މުވައްޒަފުންގެ ހައްގުގައި ފަށައިފައިވަނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް)އިން ނެވެ. ޓީމްއިން ހާމަކުރި ގޮތުގައި އެ ޔޫނިއަންގެ ހުރިހާ މެންބަރު ރިސޯޓުތަކަކުން ވެސް ވަނީ އެ ޕެޓިޝަނަށް އެއްބާރުލުން ދޭން ނިންމާފައެވެ.

އެ ޕެޓިޝަންގައި ވަނީ ރިސޯޓު މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓޭ ގޮތަށް ސަރުކާރުން ގެންނަ ބަދަލުތައް ހުއްޓާލުމަށް ޑިމާންޑުކޮށްފައެވެ.

ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި ބަދަލާއެކު ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ މާލީ އިދާރާތައް ފިޔަވައި، އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް، ފާއިތުވި މީލާދީ އަހަރެއްގެ ތެރޭގައި، ބޭރު ފައިސާ މަދުވެގެން 25 މިލިޔަން އެމެރިކާ ޑޮލަރަށް ނިސްބަތްވާ ޢަދަދެއް ލިބޭ ފަރާތްތައް ކަމަށެވެ.

މިހާރު ޤާނޫނު އޮތްގޮތުން ބޭރު ފައިސާގެ އާމްދަނީ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހެނީ 15 މިލިޔަން އެމެރިކާ ޑޮލަރު ލިބޭ ފަރާތްތަކެވެ.