އެމްޑީޕީ ގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހުން، ކުށަށް އިއުތިރާފުވުމުން ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މަންދީ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ އަހްމަދު ރިޝްމާހާއި މ. ކޯރަސް އަހްމަދު ރައިހާމް ނައީމްގެ މައްޗަށެވެ.
ދެ ދައުވާއަށްވެސް ދެ މީހުންވެސްވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ދެ ދައުވާގެ ތެރެއިން، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ ރިޝްމާގެ އިއްވީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. އެހެން ނަމަވެސް މި މައްސަލައިގައި ކުރިން އޭނާ ބަންދުކޮށްފައިވާ މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހެނީ 20 ދުވަހުގެ ޖަލު ހުކުމެކެވެ. ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބަކަށް ކްރިމިނަލް ކޯޓުން އިއްވީ، 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަރިއަތުގައި ދެ ދައުވާއަށް ރައިހާންވެސްވަނީ އިއުތިރާފުވެފައެވެ. ކަޅުތެޔޮ ޖެހި މައްސަލައިގައި ރައިހާންގެ މައްޗަށް، މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ އިއްވީ، 27 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ގައިގައި އަތްލުމުގެ ކުށް ސާބިތުވެ އިއްވީ، 13 ދުވަހުގެ ޖަލު ހުކުމެކެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސާޖިދާގެ ދަރިކަލަކަށް ތުހުމަތުކޮށް ވާހަކަ ދެއްކި މައްސަލައިގައި މަންދީގެ މައްޗަށް ދައުވާކުރަން ނިންމާފައިވަނިކޮށެވެ. އެ މައްސަލައިގައި އޭނާއަށް މަދަނީ ކުރުމަށް ސިވިލް ކޯޓަށް ވަނީ ހުށަަހަޅާފަ އެވެ.