ރާއްޖެއަށް މިއަދު ދިމާވެގެން އުޅޭ އިގްތިސާދީ ދަތި ހާލަތަކީ ސަރުކާރުން ގެންގުޅޭ ފެންނުހިފޭ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޣަފޫރު ވިދާޅުވީ، މިއަދު ފެންނަމުންދަނީ މުޅި ގައުމު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާ މަންޒަރު ކަމަށެވެ.
މި ސަރުކާރަށް ތިން އަހަރުވީއިރު، ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އަދި މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެހާ ބޮޑު ހޭދައެއް ކުރިއިރު ވެސް އޭގެއިން ރައްޔިތަކަށް ވީ އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށެވެ.
ދައުލަތުގެ ހަރަދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނުއިރު ދައުލަތުގެ ޕޭރޯލް ހުރީ އެއް ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މީގެ މާނައަކީ ކޮންމެ އަހަރަކު އިތުރު ހަ ބިލިއަން ރުފިޔާ ސަރުކާރުގެ މުސާރައަށް އެކަނި ހަރަދުވަމުންދިއުން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު ވަނީ މިއީ ދައުލަތުގައި ހުރި ފައިސާއެއް ނޫން ކަމަށާއި، މުސާރަ ދިނުމަށް ސަރުކާރުން ބޭނުންކުރަނީ ޓީބިލު ވިއްކައިގެންނާއި ޕެންޝަން ފަންޑުން ނަގާ ފައިސާ ކަމަށް ތުހުމަތު ކުރެއްވާފައެވެ.
މީގެ އިތުރުން ޣަފޫރު ވިދާޅުވީ، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ފައިދާ 30 އިންސައްތަ އުނިވެފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތައަކީ ކުންފުނިތަކަށް ބޭނުން ނުވާވަރަށް މުވައްޒަފުން ވެއްދުމުގެ ސަބަބުން ހިނގާ ހަރަދުތައް ކަމަށް ވެސް ޣަފޫރު ވިދާޅުވިއެވެ.