ޓެލެގްރާމް މެދުވެރިކޮށް ދިވެހިންނާއި ބޭރު މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ދައުރުކޮށް، އޭގެއިން ނަހަމަ ގޮތުގައި މާލީ މަންފާ ހޯދަމުންދިޔަ ތިން ދިވެއްސެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށްލުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް އިއްވާފައިވަނީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ އާއި، މާލޭ ދަފްތަރު ނަންބަރު ރސ14751، ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ޒަބީޙްގެ މައްޗަށެވެ. ދައުލަތުން މި ތިން މީހުންގެ މައްޗަށް މައިގަނޑު ގޮތެއްގައި އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ޒުބައިރު އަލީއަށް ދައުވާކޮށްފައިވަނީ 01 ޖަނަވަރީ 2022އިން ފެށިގެން 08 އޮގަސްޓް 2024 ގެ ނިޔަލަށް ޓެލެގްރާމް ޔޫސަރތަކެއް އުފައްދައި، އެ ޔޫސަރތައް ބޭނުންކޮށްގެން ގިނަ އަދަދަކަށް ޗެނަލާއި ގްރޫޕް އުފެއްދުމަށްފަހު ބޮޑެތިމީހުންނާއި ކުޑަކުދިންގެ އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓްކޮށް، މި ކަމުން ލިބޭ ފައިސާ ލޯންޑަރކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެނެވެ.

އެގޮތުން ފުރަތަމަ ދައުވާއަށް 18 ދުވަސް، ދެވަނަ ދައުވާއަށް އެއް އަހަރާއި ހަ މަސް ދުވަސް އަދި ތިންވަނަ ދައުވާއަށް ނުވަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެއިތުރުން، އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމާއެކު، 600،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ އިސްމާޢީލް ޒަބީޙްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ. އަދި ނާޞިފް ޢަލީގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ދެ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން 263،232 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.