ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދަޢުލަތުން ވަގަށް ނަގާފައިވާ އެތައް މިލިއަން ޑޮލަރެއް ދަޢުލަތަށް ހޯދިއްޖެނަމަ، މިހާރުން މިހާރަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، 40 އިންސައްތަ ޑޮލަރު މާރުކުރުމާ ދެކޮޅު ހަދަން ރިސޯޓްތަކަށް ގޮވާލެއްވުމުން، އެކަމަށް ވަރުގަދަ ރައްދެއް ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވަނީ، ނިސްބަތަށް ޑޮލަރު މާރުކުރުމަކީ ރިސޯޓްތަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށާއި، ރިސޯޓްތައް ތަރައްގީކުރުމަށް ވިޔަފާރިވެރިން ބޭރުން ނަގާފައިވާ ލޯނުތައް ޑޮލަރުން އަދާކުރަން ޖެހޭއިރު، ރިސޯޓްތަކުގެ ލޮޖިސްޓިކް ގިނަ ކަންކަން ހަމަޖައްސަން ޖެހެނީ ވެސް ޑޮލަރުން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެހާ ބޮޑު ނިސްބަތެއް ޑޮލަރުން މާރުކުރަން ސަރުކާރުން މަޖުބޫރުކުރާތީ އެ ކަމާ ދެކޮޅަށް މުޅި ރިސޯޓް އިންޑަސްޓްރީ ތެދުވާން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ، އެ ގޮވާލެއްވުމުން ހާމަވަނީ ރައީސް ޔާމީންގެ ނުބައިކަމާއި، އަމިއްލަ އެދުމުގެ ބޮޑުކަމުގެ އިތުރުން ވެރިކަމަށް އޮތް ދަހިވެތިކަމާއި ހަސަދަވެރިކަން ކަމަށެވެ.

ފަލާހު ވިދާޅުވީ، ފަހަކަށް އައިސް އެމްޑީޕީއާއި ގުޅިގެން ސަރުކާރު ވައްޓާލަން ޔާމީން ކުރައްވަމުންދާ މަސައްކަތުން ހާމަވަނީ އެމަނިކުފާނު ދައްކަވާ ވާހަކައާއި އަމަލާއި ދިމާނުވާ މިންވަރު ކަމަށެވެ. އޭގެއިތުރުން މިއަދުވެސް ޔާމީން ފަދަ ޚާއިނަކަށް ގޭގައި އިންނެވުމުގެ ފުރުސަތު ލިބިފައިވުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެކަމާ މެދު ޤައުމުވެސް ލަދުވެތިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހު ވަނީ ވެރިކަންކޮށްފައިވާ ވެރިޔަކު ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފުވާން ރައްޔިތުންނަށް ގޮވާލެއްވުމަކީ ވަރަށް ބޮޑު ކުށަކަށް ދަޢުވަތުދިނުން ކަން ފާހަގަކުރައްވާފައެވެ.