އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލީހުން މަޝްވަރާ ނުކޮށް ނިންމުންތައް ނިންމުން ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހަސަން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ބްރީިފިންއެއްގައި ވާހަކަދައްކަވަމުން ޒިޔާދު ވަނީ، މި ސަރުކާރުން ނިންމާ ނިންމުންތަކަކީ ވަރަށް ބޮޑަށް ދިރާސާކޮށް، ލަފާ ހޯދުމަށް ފަހު ނިންމާ ނިންމުން ތަކެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމުގައި ފާހަގަކުރައްވާފަ އެވެ.
ޒިޔާދު ވިދާޅުވީ، މީގެ ކުރިން މަޖިލީހުގެ ކޮމިޓީގައި، ކަމާ ގުޅުންހުރި ފަރާތްތައް ގެނެސް، އެ ފަރާތްތަކާ އެކު މަޝްވަރާކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުމެއް އޮތްނަމަ އެކަމެއް ދެނެގަންނަ ކަމަށެވެ.
ނަމަވެސް މިއަދުގެ ހާލަތަކީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރު ހިންގާ ފަރާތަށް ލިބި، ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް އިތުރު ކުރި އަކުރުގެ ސަބަބުން ބިލަކަށް ބަހުސް ކުރާނެ ޖާގަވެސް ނުލިބުން ކަމަށާއި، ލިބޭ ހަނި ފުރުސަތެއްގައި ބަހުސް ކުރާތީވެސް އައު ގޮތެއް މިހާރު އީޖާދު ކުރަމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުގައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން، ސަރުކާރު ބަންދު ދުވަހެއްގެ ރޭގަނޑު ކޮމިޓީއެއް ބާއްވާ ނިންމާލައި މަޖިލީހުގެ ތަޅުމަށް ގެނެސްފައިވާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ މިއަށް ވުރެއް ބޮޑަށް މަޝްވަރާ ކުރެވޭނެ ގޮތެއް ހޯދުމަށް މަޖިލީހުގެ ރިޔާސަތާވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެކަމަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
މީގެ އިތުރުން މި ދައުރު ނިމިގެން ދިޔައިރު، ވަރަށް ބައިވަރު ބިލުތަކެއް، ބޮޑެތި ކަންބޮޑުވުންތަކަކާ އެކު މީޑިއާއަށް ދޫކޮށްލާފައިވާ ކަމަށާއި، އެއަށް އަމަލުކުރަން ފަށާއިރު، އެއަށް އަމަލުކުރަން ތިބި ފަރާތްތަކަށްވެސް މައުލޫމާތު ނޭނގި ހުރި ވަރަށް ބައިވަރު ބިލުތައް އެބަހުރި ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.