މުޖުތަމަޢު ގޯސްވުމުން، އަހަރެމެންގެ ދޫތަކުން އެ ވާހަކަ ދެއްކި ނަމަވެސް، އެ ކަންކަން ޙައްލުކުރުމަށް އިޚުލާޞްތެރިކަމާއެކުގައި މަސައްކަތްކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންތޯ މިއަދުގެ ހުކުރު ހުތުބާގައި ސުވާލު އުފައްދައިފި އެވެ.
މިއަދުގެ ޙުތުބާގައި، "މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުލޫއަށް އަލިއަޅުވާލާފައިވާ އިރު، ޙުތުބާގައި ބުނީ، ނަމާދު ވަގުތުތައް ފާއިތުވެދާ އިރު، ނަމާދު އަޅައިފައި ކުޅިވަރުކުޅުމަށް ޒުވާނުންނާއި ކިޔަވާކުދީންނާއި ޅަދަރީން މައިދާނަށް ދޫކޮށްފައިވަނީ އަހަރެމެން އަމިއްލައަށް ކަމަށެވެ. އަދި ނަމާދު އަޅައިފައި ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ތިބެނީ ވެސް އަހަރެމެން އަމިއްލައަށް ކަމަށްވެސް ޙުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި ވަނީ، ޙަރާމްގޮތުގައި ފައިސާ ހޯދައި، އެއިން ދިރިއުޅުން ބިނާކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަން ފާހަގަކޮށް، އެ ފައިސާއަކީ ޙަރާމް އެއްޗެއްކަމާއި، އެ ކައިގެން، ނުވަތަ އެއިން އަނބިދަރީންނަށް ޚަރަދުކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާއަކާ މެދު އަހަރެމެން ޣާފިލުވެފައިވާ ކަމަށް ބުނެފަ އެވެ.
މިއިން ކަމެއްގެ ވާހަކަދައްކައި، އެ ކަމެއް ހުއްޓުވާންއުޅޭ މީހާ، އެހެން މީހުންގެ މިނިވަންކަމަށް އަރައިގަންނަ މީހެއްކަމުގައި ވާކަން ފާހަގަކޮށް ޙުތުބާގައި ވަނީ، އިންޞާފަކީ މިއީތޯ ސުވާލު އުފައްދާފަ އެވެ.
މީގެ އިތުރުން، އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާންނައްތައިލުމުން ކަމަށް ހުތުބާގައި ބުނެފައިވާ އިރު، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތް الله އަށް އުރެދި ޣާފިލުވުމުންނާއި، ޝައްކެއްނެތް ގޮތުގައި އެ ބިމެއްގައި މާތް الله ނުރުއްސަވާކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެ ކަމަށްވެސް ޙުތުބާގައި ބުނެފައިވެ އެވެ.
ޙުތުބާގައި ވަނީ، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށް ބުނެފަ އެވެ.