ތިލަފުށި ޕޯޓް އިމާރާތް ތަރައްޤީކޮށް އެތަނަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން އިއުލާންކޮށްފިއެވެ.
އެ މަޝްރޫޢުގެ ދަށުން ތިލަފުށީގައި އަލަށް ތަރައްގީކުރާ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިންގ، ވެއަރހައުސިންގ، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސް ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ. ހަމައެހެންމެ އެ ބަނދަރުގައި ޒަމާނީ ކޮންޓެއިނަރ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއަރހައުސްތައް ޤާއިމްކުރާނެއެވެ.
އެމްޕީއެލްއިން ބުނީ ތިލަފުށި ޕޯޓް އިމާރާތާއި އެތަނަށް ބޭނުންވާނެ ވަސީލަތްތައް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ސެޕްޓެންބަރުގެ މެންދުރުފަހު 2:00ގެ ކުރިން އެކަމަށް އެދި ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗަރތަކަށްވެސް ވަނީ ހުޅުވާލާފައެވެ.
އެމްޕީއެލް އިން ބުނީ ޖޮއިންޓް ވެންޗަރއެއްގެ ގޮތުގައި ހުށަހަޅާނަމަ، އެ ފަރާތްތަކުގެ ތެރެއިން އެއް މެންބަރަކީ "ލީޑް ޕާޓްނަރު"ގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށެވެ. އަދި އެފަދަ ހުށަހެޅުންތައް ވަޒަންކުރުމުގައި، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ތަޖުރިބާއާއި، ފަންނީ ގާބިލުކަމާއި މާލީ ތަނަވަސްކަމަށް ބަލާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލުމަށެވެ.