ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރާ ކަމަށް ޚާރިޖީ ވުޒާރާ އިން ބުނެފިއެވެ.
އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ކާރިސާއާ ގުޅިގެން، ވުޒާރާ އިން އެކަން މޮނިޓަރ ކުރަމުން ގެންދާ ކަމަށެވެ.
އަދި ކާރިސާ ދިމާވި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް އެ މިނިސްޓްރިއަށް އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ. އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވާ ކަމަށްވެސް ޚާރިޖީ ވުޒާރާ އިން ވަނީ ބުނެފައެވެ.
މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކު އެހީއެއް ބޭނުންވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ވުޒާރާގެ ހޮޓްލައިން ނަމްބަރު 9607983400+ އަށް ގުޅުމަށް ނުވަތަ[email protected]އީމެއިލް ކުރުމަށް ވުޒާރާ އިން ވަނީ އެދިފަ އެވެ.
މިދިޔަ ބުދަ ދުވަހު ނޭޕާލާއި ޓިބެޓްގެ ބޯޑަރު ކައިރީގައިވާ އުސް ފަރުބަދައަކުން ބޮޑު ގްލޭސިއާއެއްގެ ބައެއް ތިރިއަށް ވެއްޓުނު ވަގުތު ވާދީތަކުން ފެންގަނޑު ވަނީ އާދަޔާ ހިލާފު ބާރަށް އަދި އުސްކޮށް ދެމިގެންފައެވެ. މިގޮތުން ފެންގަނޑު ފެތުރިގެން ދިޔަ މަގުމަތީ ހުރި އިމާރާތްތައް ވަނީ ކިސަޑާއި ކުނިބުނީގެ ތެރޭގައި ވަޅުލެވިފަ އެވެ. އެ ހާދިސާގައި 469 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، 1،300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.