އިސްރާއީލުން ހުއްޓުމެއްނެތި ހިންގަމުންދާ ގައިރު ގާނޫނީ އަމަލުތައް ކުށްވެރިކޮށް، އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ހާރިޖީ ވަޒީރު އިރުތިޝާމް ގޮވާލައްވައިފި އެވެ.
ހާރިޖީ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާފައިވާ އެކްސްޓްރާއޯޑިނަރީ މީޓިންގައި ރާއްޖޭގެ ހާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންފައިވާ އިރު، މިއީ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ވަޒީރު ދެއްވި ތަގުރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލީ ދައުލަތުގެ މިލްކެއްކަމުގައި ނިންމައި ފަލަސްތީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވާ، އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅު އަޅާފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ވަޒީރު ވަނީ، އިސްލާމީ އުއްމަތުގެ ރިވެތި އުސޫލުތަކާ ހަމަތައް ދެމެހެއްޓުމަކީ އޯ.އައި.ސީ. މެމްބަރު ގައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ފުޅާކުރުން މުހިންމުކަމުގައި ވިދާޅުވެފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ހައްގުތައް ހޯދައިދިނުމަށާއި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.
މީގެ އިތުރުން، ވަޒީރު ވަނީ އޯ.އައި.ސީގެ ބައެއް މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާ، އޯ.އައި.ސީ. އާއި ރާއްޖެ އާއި ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފަ އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. ރާއްޖެ އަކީ 1976 ގައި މި ޖަމުއިއްޔާގެ މެމްބަރަކަށް ވުމަށްފަހު މި ޖަމުއިއްޔާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.