ދިވެހި ޕާސްޕޯޓް ދޫކުރާ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް "ޕާސްޕޯޓް ބުކްލެޓް" ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން 2016ވަނަ އަހަރުން ފެށިގެން ރާއްޖެއަށް "ޕާސްޕޯޓް ބުކްލެޓް" ފޯރުކޮށްދޭ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައާއި ގުޅިގެން ލަފާކުރި ތާރީހަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން، މިހާރު ހުރި ޕާސްޕޯޓް ސްޓޮކް މެނޭޖްކުރުމަށްޓަކައި އޮގަސްޓް 28ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެ ބަދަލުތަކުގެ ތެރޭގައި ޕާސްޕޯޓަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓް މުއްދަތު ހަމަވެގެން އައު ޕާސްޕޯޓެއް ހެއްދުމަށް އެދި ހުށައަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. އިމިގްރޭޝަނުން ބުނީ މުއްދަތު އިތުރުކުރުމުގެ ޚިދުމަތް އެއްވެސް ފީއަކާއި ނުލައި ފޯރުކޮށްދޭނެ ކަމަށެވެ.

ހަމައެހެންމެ އިމިގްރޭޝަނުން ވަނީ އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަޖެންސީ ޕާސްޕޯޓް" ދޫކުރުމަށް ނިންމާފައެވެ.

އިމަޖެންސީ ޕާސްޕޯޓަކީވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ މިންގަނޑުތަކާ އެއްގޮތް، 1 އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރެވޭ މެޝިން ރީޑަބަލް 8 ސަފްހާގެ ޕާސްޕޯޓެކެވެ. އިމިގްރޭޝަނުން ބުނީ އިމަޖެންސީ ޕާސްޕޯޓުގެ ޚިދުމަތަކީވެސް އެއްވެސް ފީއަކާއި ނުލައި ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ޕާސްޕޯޓް ބުކެލެޓް ފޯރުކޮށްދޭ ކުންފުންޏަކީ ފާއިތުވެދިޔަ 10 އަހަރުވެސް އެ ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާ ކުންފުންޏެއް ކަމުގައި ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ޕާސްޕޯޓް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެވުނު ނަމަވެސް އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.