ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް "ޖިސްމާނީ ގެއްލުމެއް" ދޭން އުޅޭތީ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ބްރީިފިންއެއްގައި ވާހަކަދައްކަވަމުން ކުޑޫ ވިދާޅުވީ، އޭނާއަށާއި ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމަށް "ޖިސްމާނީ ބޮޑު ގެއްލުމެއް" ދޭން އުޅޭ ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި 26 އޮގަސްޓުގެ 13:43 ގައި ފުލުހުންނަށް ސިޓީއެއް ފޮނުއްވާ، އެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
އެއަށްފަހުން 24 ގަޑި އިރު ވެގެންދާން ގާތްވެފައިވާ އޮއްވާ ކުޑޫ ވިދާޅުވީ، އެ ސިޓީ އަށް ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
ކުޑޫ ވަނީ މަޖިލީހުގެ މެމްބަރުންނަކީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން 1 ބާރު ލިބިގެންވާ ބައެއްކަން ފާހަގަކުރައްވާ، މެމްބަރަކު އެވަރުގެ ކަމެއްގެ ކަންބޮޑުވުން ފުލުހަށް ހުށަހެޅުމުން ޖަވާބެއް ނުދޭ ނަމަ، އާންމު ރައްޔިތެއްގެ ޝަކުވާ އެތަނުން ބަލާނީ ކޮން އިރަކުންތޯ ސުވާލު އުފެދޭކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ކުޑޫ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ވިދާޅުވާ އެއްވެސް އެއްޗަކަށް ޖަވާބު ލިބިވަޑައިނުގަންނަވާ ކަމަށާއި، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި މި މަޖިލީހަކީ ރައްޔިތުންގެ ބައިވެރިވުން އޮވެގެން ކުރިއަށްދާ މަޖިލީހެއް ނޫން ކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުގެ އެއްބާރުލުމެއްވެސް ނުލިބޭ ކަމަށް ކުޑޫ ވަނީ ވިދާޅުވެފަ އެވެ.