ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއަށް ދައުވާ ކުރަން ފޮނުވުމުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭޔަރު ސައުދުގެ ދިފާއުގައި އެންމެން ތެދުވާން ޖެހޭ ކަމަށެވެ. އަދި ތިނަދޫގައި މީހުން އުޅޭ އަދަދު އެއީ ސަރުކާރުން ވެސް ބަލަހައްޓާ ތަފާސްހިސާބެއް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ތިނަދޫ ސިޓީ އަކަށް ބަދަލުވީ ސަރުކާރުން އެކަމުގެ ޝަރުތުތައް ބެލުމަށް ފަހު، އެރަށުގެ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަބަދުވެސް އެމްޑީޕީގެ ވާދަވެރިން ގަބޫލު ނުވާ، ނަމަވެސް ވަރަށް ސާފުކޮށް ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ވެރިކަމުގެ ހަމައެއް ކަމަށެވެ. އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދަކީ އެ ހަމައިގެ ބޮޑު ރަމްޒެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، ފުލުހުން 2024 ވަނަ އަރުން ފެށިގެން ތަހުގީގު ކުރަމުން އައި، ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ޕްރޮސިކުޓާ ޖެނެރަލްގެ އޮފީސް، ޕީޖީން ބަލައިގަނެ، މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މި މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ އިރު، އޭނާ ވަނީ ކަންކަން އޮޅުވާލި ކަމަށް ކުރާ ތުހުމަތު ދޮގު ކުރައްވާފަ އެވެ.