ޅ. ކުރެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ގޮތުގައި، މި އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ޅ. ކުރެންދޫ، އިބްރާހީމް ޒާހީ ސުލައިމާން (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ކުރެންދޫ ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 26 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 4.01 ގުރާމު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.