އަރިއަތޮޅު ދެކުނުބުރީ ލޮނުބޮއިގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލައިފިއެވެ.

2024 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ފަތުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ފަތުރުވެރިކަން ކުރަން ރަށްރަށާއި ފަޅުތައް ތަރައްގީ ކުރުމަށް ހުޅުވާލި އިރު، އެ ބުރުގައި 1 އަތޮޅަކުން 14 ރަށަކާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ.

އޭގެ ފަހުން ލިސްޓަށް އެކި ފަހަރު މަތިން އިސްލާހުތައް ގެނެސްފައިވެއެވެ. އެގޮތުން ގެނެވުނު 12 ވަނަ އިސްލާހުގައި އދ. ލޮނުބޮއިގައ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ހުޅުވާލާފައިވާ އިރު، އެ ރަށަކީ 1.2 ހެކްޓަރުގެ ރަށެކެވެ.

ލޮނުބޮއި އަކީ މީގެ ކުރިން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށް މިދިޔަ ސަރުކާރުން ހުޅުވާލި ރަށެއް ނަމަވެސް، އެ ރަށް ފަތުރުވެރިކަމަށް ހުޅުވާލަދޭން އެ އަތޮޅު ކައުންސިލާއެކު 2024 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމުގައި އެއަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ރަށްތައް ތަރައްގީކޮށް ފަތުރުވެރިކަމުން ލިބޭ އާމްދާނީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.