ކަނޑުގެ މާހައުލު ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކެމްބޯޑިއާގެ ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ އާންމު ބަހުސްގައި، "ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުލޫއަށް ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވަނީ، ދުނިޔޭގެ ސުލްހައާއި ތަނަވަސްކަން ގާއިމުކުރުމަށްޓަކައި، ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށާއި، މަޝްވަރާކުރުން އިސްކުރުމަށް ގޮވާލައްވާފަ އެވެ.
ކެމްބޯޑިއާއިން ދާހިލީ ހަނގުރާމައަށްފަހު ސުލްހަ ގާއިމުކުރުމުގައި ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ކެމްބޯޑިއާގެ ތަޖުރިބާއިން ދައްކައިދެނީ ކިތަންމެ ބޮޑު ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި، އަޒުމަކާއި، ސުލްހަވުމުގެ ރޫހެއް އޮވެއްޖެނަމަ، އެކަންކަމުން އަރައިގަނެވޭނެކަން ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ޔުނައިޓެޑް ނޭޝަންސް ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކަކީ ދުނިޔޭގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސްތަކެއްކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ވަކިން ހާއްސަކޮށް، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި މި އަސާސްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އަސާސްތަކެއް ކަމަށެވެ.
ސުލްހަ ގާއިމުކުރުމުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޝްވަރާ ކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށާއި، ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.
ރާއްޖެއާއި، މި ސަރަހައްދަށް އިންޑިއާ ކަނޑުގެ މުހިންމުކަން ފާހަގަކުރައްވައި އިންޑިއާ ކަނޑު އަބްދުއްރަހީމް ސިފަކުރެއްވީ ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެއިތުރުން އެކި ދާއިރާތަކުން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މައި ނާރެއްގެ ގޮތުގައެވެ. އަދި، އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ މާހައުލު ރައްކާތެރިކޮށް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް ވަނީ ދެއްވާފަ އެވެ.
މީގެ އިތުރުން، ތިމާވެށީގެ ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ނޭދެވޭ އަސަރުތައް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހަލާކުވުމާއި، ކަނޑުތައް ތަގައްޔަރުވުމުގެ އިތުރުން މޫސުމީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެކަންވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ކަނޑުގެ މާހައުލު ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށާއި، އެއީ ސުލްހަވެރިކަމާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ގުޅުންތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ތަރައްގީއަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ކަމަކަށް ވާންޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ތަރައްގީއާއި ކުރިއެރުމަކީ ހަމައެކަނި އިގްތިސާދީ ކުރިއެރުން ނޫންކަމަށާއި، އޭގެ ތެރޭގައި ފެންވަރު ރަނގަޅު ތައުލީމާއި، އާ އީޖާދުތަކާއި، ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުން ހިމެނޭކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އަބްދުއްރަހީމް ވަނީ އެ ސަރަހައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިހްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ހުރިހާ ރައްޔިތުންގެ ހައްގުތަކަށް ކަށަވަރުކުރެވޭ ފަދަ އިންސާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް މަސައްކަތް ކުރުމަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ.
ތަގުރީރު ނިންމަވާލައްވަމުން، ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށާއި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން ޢަޒުމް ކަނޑައެޅުއްވުމަށް އަބްދުއްރަހީމް އިލްތިމާސްކުރެއްވިއެވެ.
ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކުރުމަށާއި، ބާރުގެ ބަދަލުގައި ހަރުދަނާ ގާނޫނުތައް ހެދުމަށާއި، އަދި ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުމުގެ މުހިންމުކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އަދި، ސުލްހައާއި، ހަމަޖެހުމާއި، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަގުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.